Pages

Search This Blog

Friday, June 5, 2020

ސީދާ މަގު

ވަށައިގެން ފެންނަމުން ދިޔައީ އަނދިރިކަމެވެ. އުސްކޮށް ހެދިފައިވި ބިޔަ ގަސްތައް ދެފަރާތަށް ހޫރެމުން ދިޔަ ގޮތުން ހީވަނީ ދެންމެ ދެންމެ މުލުން ލުހެލަފާނެހެންނެވެ. ދުނިޔެއަށް އަނދިރިކަން ވެރިވުމާއެކު އެކި ރާގު އަޅުވާލާ ފަނިފަކުސަވެސް މިވަގުތު ބިރުވެރި އަޑުތައް ލައްވަމުން ދިޔައީ މުޅި ހިސާބު ނާމާންކަމުގެ ތެރެއަށް ވައްދަމުންނެވެ.
 ބިރުގަނެފައިވި ވަރުން ކުރިއަށް އެންމެ ފިޔަވަޅެއް އަޅާލަންވެސް ޖެހިލުންވެ ހުރެ ވަށައިގެން ނަޒަރު ހިންގާލީމެވެ. ނެގި ނެގިފައި ހިތް ތެޅެން ފެށީ ވަށައިގެން ބެދިފައިވާ ގަސްތަކުގެ މަތިން ރަތް ކުލައިގެ ދެ ލޯ ފާޅުވުމުންނެވެ. މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔައިރު ހެޔޮ އެއްޗެއް ހަނދާނަށް ވެސް ނައެވެ. މުޅި ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދިގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.
 ގަސްތަކުގެ މަތިން ފައިބައިގެން އައިސް ކުރިމައްޗަށް ހުއްޓުނު މަޚްލޫޤު ފެނިފައި ބިރުގަތްވަރުން މުޅި މީހާ ރޫރޫ އަޅައިގަތީ ހަށިގަނޑު ހިފަހައްޓާލަން އުނދަގޫވާ ވަރަށެވެ. ހަމައެއާއެކު އޭތީގެ އަނގައިގެ ދެ މިޔަކަނުން ފައިބަމުން ދިޔަ ދަވަ ފާޑުގެ އެއްޗެހިތައް ފެނިފައި މޭނުބައިކޮށް އޯކަށް ދެމިގަނެވުނެވެ.
 އެ މަޚްލޫޤު ކުރިއަށް ފިޔަވަޅު އަޅަމުން ކައިރިއަށް އަންނަން ފެށުމުން ދުއްވައިގަންނަން ކުރެވުނުހާ މަސައްކަތެއް ކުރަން ފެށީމެވެ. އެހެނަސް ހަތަރެސް ފައި ހީވަނީ ޗޭނު ޖަހާފައިވާހެންނެވެ. އެންމެ ފިޔަވަޅެއް ފަހަތަށް އަޅާލުމަށް ވެސް ނުކުޅެދުނެވެ. އެއާއެކު ދެން ސަލާމަތެއް ނުވާނޭ ހިތަށް އެރުމާއެކު ދެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ.
 އިރެއް އިރަކަށް ކައިރިވަމުން ދިޔަ މަޚްލޫޤުގެ ސިފަ ދިޔައީ ފުސްވަމުންނެވެ. އެހެނަސް އަހަރެންގެ މޭގެ ތެރޭގައިވާ ހިތުގެ ތެޅުން ދިޔައީ ބާރުވަމުންނެވެ. އިސާހިތަކު އޭތި އަރާ ހަމަކޮށްފިއެވެ. ލަސް ހަރަކާތްތަކަކާއިއެކު އަތް އުފުލާލައި އަހަރެންގެ ކަރުގައި ހިފައިފިއެވެ. އަހަރެންގެ ކަރަށް ދިޔައީ އިރެއް އިރަކަށް ބާރުވަމުންނެވެ. އެންމެ ފަހުން ނޭވާ ނުލެވިގެން އަހަރެން ތެޅެން ފެށީމެވެ.
 އަހަރެންގެ ފުރާނަ ހަށިގަނޑާއި އަލްވިދާޢު ކިޔަނީހެން ހީވި ވަގުތުކޮޅުގައި އަހަންނަށް ވިސްނާލަން މަޖުބޫރުވިއެވެ. އެހެން މީހުންގެ ކުރިމަތީގައި ގަދަވެގެން އުޅުނު އަހަރެން ކޮބައިބާވައެވެ؟ މައިންބަފައިންނާއި ޢާއިލާގެ މީހުން ދިން ނަސޭޙަތްތަކުގައި ކޮޅު ފައިން ޖެހުމަށްފަހު ކައިރި ކުރި އެކުވެރިން ދިޔައީ ކޮންތާކަށް ހެއްޔެވެ؟ މަސްތުގެ ޙާލުގައި އެކި މީހުންގެ ޙައްޤުތަކަށް އަރައިގަންނަން ދިޔައިރު ކައިރީގައި ތިބި ރައްޓެހިން މިއަދު ކައިރީގައި ނެތީ ކީއްވެބާއެވެ؟ ނަމާދުތައް އެޅުމަށްފަހު އެބަޔަކަށް ހުރިހާ ވަގުތެއް ހުސްކޮށްލަދިން މީހުން މިއަދު އަހަރެން ސަލާމަތް ކުރަން ނައީ ކީއްވެ ހެއްޔެވެ؟ މި ހުރިހާ ސުވާލުތަކެއް ބޮލަށް ޖަމާވަމުން ދިޔަ ހިނދު އަހަންނަށް ގިސްލާ ރޮވެންފެށިއެވެ.
 "ކިޔާން! ކިޔާން ދަރިފުޅު! ހޭލަބަލަ... ކީއްވެތަ ތި ރޮނީ.؟ ހޭލަބަލަ!!" ކަންބޮޑުވެފައިވި އަޑަކުން އަހަންނަށް ގޮވަމުން މަންމަ އަހަރެންގެ ދެ ކޮނޑުގައި ހިފާ ތަޅުވަމުން ދިޔައެވެ. ރަނގަޅަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އަހަންނަށް އޮވެވުނީ އަހަރެންގެ ކޮޓަރީގައެވެ. އަހަރެންގެ އެނދުގައެވެ. ކައިރީގައި އިށީންދެ އިނީ އަހަރެންގެ ލޯބިވާ މަންމައެވެ. އަހަރެންނަށް ކަޅި ޖަހާލުމެއްނެތި މަންމަގެ ލޮބުވެތި މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެވުނެވެ. ފުރަތަމަ ފަހަރަށް އެ މަންމަގެ ލޮލުން އެ މަންމަ އަހަރެންދެކެ ވާ ލޯބި އެއްވެސް ހުރަހެއްނެތި ފެނުނެވެ. އެއާއެކު އަނެއްކާވެސް އަހަންނަށް ގިސްލާ ރޮވުނެވެ.
 "ދަރިފުޅާ ކިޔާން! ކިހިނެއްވީތަ؟" ކަންބޮޑުވެފައިވީ އަޑަކުން މަންމަ ސުވާލު ކުރުމާއެކު ބާރަށް ރޮއެގަންނަމުން އެ މަންމަގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ. ފެނުނު ހުވަފެނުގެ ސަބަބުން ސިކުނޑިއަށް އޭގެ އަސަރު ކޮށްފައިވާލެއް ބޮޑުކަމުންނާއި، އަހަރެންގެ މުޅި ޙަޔާތް އަމިއްލަ ދެ އަތުން ހަލާކުކޮށް ލެވިއްޖެކަމުގެ އިޙްސާސް ކުރެވެމުން ދިޔައީތީ އަހަރެންނަށް ގިސްލަ ގިސްލާފައި ރޮވުނެވެ. "އަހަންނަށް މަޢާފު ކުރޭ މަންމާ! އަހަންނަށް މަޢާފު ކުރެ!! އަހަރެން ދެން އެހެނެއް ނޫޅޭނަން. އަހަރެން އިސްލާޙު ވާނަން. އަހަންނަށް މަޢާފު ކުރޭ މަންމާ!" ރޮމުން ރޮމުން އަހަންނަށް ބުނެވުނެވެ.
 ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއަދު އަހަރެން މިވަނީ އިސްލާޙުވެ، އަހަރެންގެ މަންމަގެ އުންމީދުތަށް ޙަޤީޤަތަކަށް ހަދައިދީފައެވެ. ﷲ އިރާދަކުރެއްވިއްޔާ އެންމެ ފަހު ނޭވާ ދޫކޮށްލާނީ ވެސް ފަޚުރުވެރި މުސްލިމެއްގެ ގޮތުގައެވެ.
 އެކުވެރީންނޭވެ! ފަހަރުގައި އަހަންނަށް ދިމާވި ފަދަ ގޮތެއް ތިޔަ އެކުވެރީންނަށް ދިމާނުވެދާނެއެވެ. އެހެނަސް، އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްވެސް ބަލަންވީ މާތް ﷲ އެންގެވި ގޮތަށް އުޅޭށެވެ. އެކަލާނގެ ރުއްސެވުން އަދައިގެން ކުރާ ކޮންމެ ޢަމަލެއް ކުރާށެވެ. މައިންބަފައިންގެ ހިތުގައި ނުޖައްސާ އެ މީހުނަށް ޙައްޤު ލޯތްބާއި އަޅާލުން ދީގެން އެމީހުންނަށް ކިޔަމަންވާ ދަރިންތަކެއް ކަމުގައިވާށެވެ. އަހަރެމެން ނަމޫނާއަކަށް ބަލަންވީ އަހަރެމެންގެ މާތް ނަބިއްޔާއެވެ. އޭރުން ﷲގެ އިރާދަފުޅާއިއެކު އަހަރެމެންގެ ދެ ދުނިޔެވެސް ބާއްޖަވެރި ވާނެއެވެ.



No comments:

Post a Comment